ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރި މައްސަލައެއް ސާބިތުވާކަމަށް ކަނޑައަޅައި، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރި މީހެއްގެ މައްޗަށް ކުށް ސާބިތުކޮށް ޖަލުހުކުމް އިއްވާފައިވަނީ ގޯސްކޮށް ކަމަށް، ހައި ކޯޓުން ކަނޑައަޅައިފިއެވެ.
ގަވައިދާ ހިލާފަށް ރާއްޖެއަށް ރަން އެތެރެކުރި މައްސަލައެއްގައި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ، މުޙައްމަދު މުޙައްމަދު ސުލައިމްޚާން އަށް އަަރުގެ ދުވަހުގެ ޖަލުހުކުމެއް އިއްވީ، 2025 ވަަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ކްރިމިނަލް ކޯޓުންނެވެ.
އެ ހުކުމް ތަމްފީޒުކޮށް، ނިމުނު ދުވަހު، މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ހައިކޯޓުން ވަނީ، އެމައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހުކުމް އިއްވާފައެވެ. މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
ސުލައިމްހާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި މި މައްސަލައިގައި އިއްޔެ އިއްވި ހުކުމްގެ ޤަޟިއްޔާގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކުރާ އަމަލަކީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ޔަގީންވާ ގޮތަށް، އެ މުދަލަކީ ހުއްދަ ހޯދަން ޖެހޭ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައިކަމުގެ ރުކުން ދައުވާގައި ބަޔާންކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޤާނޫނޫއަސާސީގެ 51ވަނަ މާއްދާގެ (އ) އާއި 59ވަނަ މާއްދާގެ (ހ) އާއި އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަމަށް ނުދެކޭތީ، ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ހުކުމް ބާތިލް ކަމަށް ނިންމީ ކަމަށް ހައިކޯޓުގެ ހުކުގައިވެއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ނިންމައި އިއްޔެ ހައިކޯޓުގެ ފަހު އަޑުއެހުމަށް އޭނާ ގެންދިއައިރު، ކްރެކްޝަނަލް ސާވިސްއިން އޭނާ ގެންދިއައީ، ބަންދުން ދޫކޮށްލުމުގެ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކޮށް މިނިވަނެއްގެ ގޮތުގައެވެ.
ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާގޮތުގައި، އޭނާގެ ފަރާތުން ހައިކޯޓަށް ހުސަހެޅި އިސްތިއުނާފުން، އޭނާގެ ކުށެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކުރުމުން، ކޯޓު ތެރޭގައި އޭނާ ވަނީ ވަރަށްބޮޑަށް ރޮއެ ހިތާމަކޮށްފައެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.