ރަސްމާލޭން 500 ހެކްޓަރުގެ ބިން ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެކުރިން ދިވެހިރައްޔިތުންގެ ޚިޔާލުހޯދުމުގެ އާއްމު ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ޤައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހުން މި ގޮތަށް ފާސްކުރީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރުން ނެވެ. އެޕާޓީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވި މި ގަރާރަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ގަރާރު އިއްވެވުވުން، މި ގަރާރު ފާސްކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރަށް ތާއީދުކުރައްވާފަ އެވެ.
މި ގަރާރު ބަލައި ނުގަންނަކަމަށް ވޯޓު ދެއްވާފައިވަނީ އެޕާޓީގެ ޗެއާޕާސަން އަދި މިރޭގެ ކުއްލި މަޖިލީހުގެ ޗެއަރ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި ގަރާރާއި ދެކޮޅަށް ނަޝީދު ވޯޓުދެއްވި އިރު، އެމަނިކުފާނު ގެންދަވަނީ ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް އަށް ދިނުމަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށް ފާޅުގައި ވިދާޅުވެ، އެކްސްގައި ވާހަގަވެސް ދައްކަވާފައެވެ.
އެމްޑީޕީގެ މިރޭ ފާސްކުރި ގަރާރުގައި ވަނީ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެއްވެސް އެކުއިޒިޝަން ކޮސްޓަކާ އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށްވެސް ގޮވާލާފައެވެ. އަދި ރައްޔިތުންގެ އާއްމު ވޯޓަކާއި ނުލައި އެއްވެސް ފަރާތަކަށް އެބިމާއި ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށެން އޮތް ގަނޑިއަށް، ކޯރަމް ހަމަވާ ވަރަށް މެންބަރުން ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެޕާޓީ ޗެއަރ މުހައްމަދު ނަޝީދު ވަނީ، ޖަލްސާ ބޭއްވެން ނެތް ކަމަށް އިއުލާންކުރައްވައި ވަޑައިވެސް ގެންނެވިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ޤައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހާޒިވުމުން، ކޯރަމް ހަމަވެއްޖެކަން އިއުލާންކޮށް، 9:15 ހާއިރު ޤައުމީ މަޖިލީހުގެ ޖަލްސާ ފެށިކަންވެސް ފާހަގަކޮށްލެވެ އެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.