ބ އަތޮޅާއި ޅ. އަތޮޅުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، ބ. އަތޮޅުގައި ކަނދުފަތި އަޅާފައި ވަނީ މިއަދު ބ.ތުޅާދޫ ހުޅަނގުން 10 މޭލު ބޭރުގައި ކަމަށެވެ. އަދި ޅ.ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި ކަނދުފަތި އެޅީ އޮކްޓޯބަރ 31ވަަނަ ދުވަހު ކަމަށެވެ.

މަސްވެރިކަމާއިބެހޭ ވުޒާރާއިން ބުނީ، މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުތަކުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށެވެ. އަދި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.