ސަރުކާރުން އިއުލާން ކޮށްފައިވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އިންޑިއާ ސަރުކާރުން 1،200 ގަސް ހަދިޔާކޮށްފި އެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއިބެހޭ ވުޒާރާއިން ބުނީ، މި ގަސްތައް ދިވެހި ސަރުކާރާއި ހަވާލުކޮށްފައި ވަނީ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ފެހިކަންމަތީ ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.