އުމުރުން 18 ނުފުރޭ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.

އަބުދުﷲ ޝާހިދު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ އިދާރާއިން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނޮވެމްބަރ 2ވަނަ ދުވަހުގެރޭ 21:59 ގައި މާލެ ހ. ރަބީޢީމަންޒިލް 64އ. ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަބުދުﷲ ޝާހިދު ހައްޔަރުކޮށްފައި ވަނީ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އޯޝަން ފްރޮންޓު ރެޒިޑެންސްގެ އެޕާޓްމަންޓަށް ގޮސް ކޯޓު އަމުރެއްގެ ދަށުންކަމަށް މައުލޫމާތުލިބެ އެވެ. ޝާހިދު ފުލުހުންގެ ބެލުމުގެދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައްވެސް ސޯޝަލް މީޑިއާގެ އެވަގުތުން ފެށިގެން ވަނީ ދައުރުވެފައެވެ.

ނަމަވެސް ސޯޝަލްމީޑިއާގައި މަންޒަރުތައް ދައުރުވުމުގެ ކުޑައިރުކޮޅެއް ކުރިން، އެރޭ 9:28ގައި އަބުދުﷲ ޝާހިދު އެކްސްގައި ބުނެފައިވަނީ، އެ ޚަބަރަކީ ޝަހުސު ކަތިލުމަށް ސިޔާސީގޮތުން ފަތުރާ ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ." (އެކްސްގައި ސާހިދު ކުރި ޕޯސްޓް)

ނަމަވެސް އޭގެ އިރުކޮޅެއްފަހުން ސޯޝަލްމީޑިއާގައި ވަނީ ޝާހިދު ހައްޔަރަށް ގެންދިއަށް ފޮޓޯ ތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާއްމުވެފައެވެ. އަދި ފުލުހުންގެ އިދާރާއިން އެ މަންޒަރުތަކުގެ ސައްހަކަން ހާމަކޮށް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބެލުމުގެ ދަށުން، ހުޅުމާލެއިން އަބުދުﷲ ޝާހިދު ގެންގޮސްފައިވީ ފުލުހުންގެ ލޯންޗެއްގައި ކަސްޓޯޑިއަލް އަށެވެ.

މައުލޫމާތު ލިބޭގޮތުގައި، ޖިންސީގޯނާގެ ސިކާރައަކަށް ވެފައިވަނީ، ޝާހިދުގެ އިތުބާރު ހިފޭ މަގާމެއްގައި ހުރި ކުޑަ އަންހެން ކުއްޖެކެވެ.

އަބްދުﷲ ޝާހިދު އަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވުނު އެއް ސިޔާސީ ސަޙުސިއްޔަތެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، އެމްޑީޕީގެ ރައީސްކަމުގެ އިތުރަށް، ފޮރިން މިނިސްޓަރ ކަމުގެ އިތުރަށް، އދ. ގެ ރައީސް ކަމުގެ މަޤާމްވެސް ވަނީ ފުރުއްވާފައެވެ.

އިތުބާރު ހިފޭ މަގާމެއްގައި ހުރި ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތަށް ޝާހިދު ހައްޔަރުކޮށްފައިވާއިރު، 2028ގެ ރިޔާސީ ރޭހަށް ނިކުތުމަށް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ނިންމައި ކެމްޕެއިންގެ ހަރަކާތްތައް ފަށާފައެވެ.