ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހަފިއެވެ.
އަބުދުﷲ ޝާހިދު ހައްޔަރުކޮށްފައި ވަނީ 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނޮވެމްބަރ 2ވަނަ ދުވަހުގެރޭ އެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި، އަބުދުﷲ ޝާހިދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި 30 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުނެރެފައި ވަނީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށްބުނެ އެވެ.
އަބުދުﷲ ޝާހިދު ހައްޔަރުކޮށްފައި ވަނީ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އޯޝަން ފްރޮންޓު ރެޒިޑެންސްގެ އެޕާޓްމަންޓަށް ފުލުހުން ގޮސް ކޯޓު އަމުރެއްގެ ދަށުންނެވެ. ޝާހިދު ފުލުހުންގެ ބެލުމުގެދަށުން ކަސްޓޯޑިއަލް އަށް ގެންދިއަ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
އަދި އެ މަންޒަރުތައް ދައުރުވުމުގެ ކުޑައިރުކޮޅެއް ކުރިން، ހައްޔަރަށް ގެންދިރޭ 9:28ގައި އަބުދުﷲ ޝާހިދު އެކްސްގައި ބުނެފައިވަނީ، އެ ޚަބަރަކީ ޝަހުސު ކަތިލުމަށް ސިޔާސީގޮތުން ފަތުރާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ." (އެކްސްގައި ސާހިދު ކުރި ޕޯސްޓް)
އިތުބާރު ހިފޭ މަގާމެއްގައި ހުރި ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތަށް ޝާހިދު ހައްޔަރުކޮށްފައިވާއިރު، 2028ގެ ރިޔާސީ ރޭހަށް ނިކުތުމަށް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ނިންމައި ކެމްޕެއިންގެ ހަރަކާތްތައް ފަށާފައެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.