ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝް އަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވެވި އެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވެވި އެވެ.