ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި 2027ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ، (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) އެވެ.
މިއީ މި ހިނގާ 2026ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މި ބަޖެޓު ބިނާކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރެވޭނެ ގޮތަށް ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މާލީ ވުޒާރާއިން ހާމަކުރާގޮތުގައި، ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ.

މި ބަޖެޓުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރަށް 2027 ވަނަ އަހަރު ރެވެނިއުގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން، ޓެކުހުގެ ނިޒާމު ހަރުދަނާކޮށް، 01 ޖަނަވަރީ 2027 އިން ފެށިގެން ޖީ.އެސް.ޓީ (GST) އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފަ އެވެ.
މީގެ އިތުރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމްތަކުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަޢުލީމީ ދާއިރާއިން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީއަށް 651 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން، މާލީ ވަޒީރު، ޙަސަން ޒަރީރު މިއަދު ވިދާޅުވެފައި ވަނީ، 2027ވަނަ އަހަރަށް ހުށަހަޅާފައިވާ މި ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރުމުގެ ބިންގާ ކަމަށެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.