ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބުދަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް އިސްލާމީ ޢުޙުއްވަތްތެރިކަމާއި، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ވަރުގަދަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަަކުރެއެވެ.
އަދި ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާރިޖީ، ބަރުލަމާނީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ސަރަޙައްދީ ސަލާމަތީ މަޝްރަހާ ގުޅޭގޮތުންނާއި، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާއި އޭގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށްވެއެވެ. އަދި، ސަރަޙައްދީ ސުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީނއ ކުރަމުންދާ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަންވެސް ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ފާހަގަކުރެއްވި ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު، ޙަސަން ޒަރީރު އާއި އެ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.