އެމްވީ ޕްލަސްގެ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި މުޖުތަމައަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެވޯޑު ދީފިއެވެ.
މުޖުތަމައަށް ހިދުމަތްކުރުމާއި ސިއްހީ ދާއިރާއިން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ މަދަނީ ޖަމިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އަގުވަޒަންކޮށް، ދެއަހަރުން އެއް އަހަރު އެމްވީ ޕްލަސް މީޑިއާއިން ދޭ "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ބޭއްވީ ބުދަދުވަހުގެ ރޭ ހުޅުލެ އައިލެންޑް ހޮޓަލުގައެވެ.
މި ހަފުލާގެ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މުހައްމަދު ރަފީގު ހަސަންއެވެ.
މި އަހަރު ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބިފައި ވަނީ:
- އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސް
- ކެއަރ ސޮސައިޓީ
- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
- މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ
- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)
- ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް
މީގެ އިތުރަށް އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ހަ ކުންފުންޏަކަށް ވެސް އެމްވީ ޕްލަސްއިން ވަނީ އެވޯޑު ދީފައެވެ.
- ދަ ކޮކޫން ފައުންޑޭޝަން
- ދިރާގު
- ދުސިތު ތާނީ މޯލްޑިވްސް
- ޖޯލި މޯލްޑިވްސް
- އުރީދޫ މޯލްޑިވްސް
- ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
މީގެ އިތުރަށް މިއަހަރު މުޅިން އަލަށް ތައާރަފުކުރި "ލައިފްޓައިމް އިމްޕެކްޓް އެވޯޑް" އަރުވާފައި ވަނީ އާންމު ސިއްހަތުގެ ދާއިރާގެ ހާއްސަ މާހިރެއް ކަމަށްވާ އަދި ތެލެސީމިއާ ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތުކުރައްވާފައިވާ ފާތިމަތު ޖީހާން ސަލީމް އަށެވެ.

ތެލެސީމިއާ ކުދިންނާއި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން މުޖުތަމައުގައި އެ ފަރާތްތަކުގެ ތަމްސީލުވުން އިތުރުކުރުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއާ ގުޅިގެން ޖީހާން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ލެބޯޓަރީގެ މަސައްކަތްތަކާއި އާންމު ސިއްހަތުގެ ހިދުމަތްތަކުން ފެށިގެން ބަލި ތަހައްމަލުކުރާ ފަރާތްތަކަށް މަގުދައްކައި ހިތްވަރު ދިނުމާއި، ދިރާސާކުރުމާއި، ސިޔާސަތުތަކަށް ހެޔޮ ބަދަލު ގެނައުމަށް ވަކާލާތުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަދަނީ ހަރަކާތްތައް ތަމްސީލުކުރެއްވުމުގައި ޖީހާން ވަނީ ފުޅާ ދައުރެއް އަދާކުރައްވާފައެވެ.
އެމްވީ ޕްލަސް އިން 2023 އިން 2024 އަމާޒުކުރީ ރަށްވެހިކަމުގެ ހައްގުތަކަށެވެ. އަދި 2025 އިން 2026 އަށް ގައިންގަޔަށް ނާރާ ބަލިތަކަށެވެ. އަދި ކުރިއަށް ދެ އަހަރުގެ އެވޯޑް ހާއްސަކުރާނީ "ގްރޯވިންގ އަޕް މޯލްޑިވްސް" އަށް ކަމަށް ވަނީ ބުނެފައެވެ.








ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.